އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ރ. ކިނޮޅަސް ކައުންސިލްގެ ރައީސްގެ މަގާމު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް އަހްމަދު ހަސަން ކާމިޔާބުކުރައްވައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލެއްގެ ރައީސްކަން މެދުކެނޑުމެއްނެތި އެއް ބޭފުޅަކު މިހާ ގިނަ ފަހަރަށް ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރު ކަމަށްވުމުން، މިއީ ގައުމީ ރެކޯޑެކެވެ. މީގެ ކުރީގެ ދައުރުތަކުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް، މި ފަހަރުގެ އިންތިހާބަށް އަހްމަދު ނުކުމެވަޑައިގަތީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ.
ޕީއެންސީގެ ޓިކެޓް ހޯއްދެވުމުގެ އިތުރުން، އަހްމަދު ވަނީ މި އިންތިހާބުގައި އަދާލަތު ޕާޓީގެ ތާއީދުވެސް ހޯއްދަވާފައެވެ. މި ދެ ޕާޓީގެ ތާއީދާއެކު ވާދަކުރައްވައި، އޭނާ މި އިންތިހާބު ކާމިޔާބުކުރެއްވީ 231 ވޯޓު ހޯއްދަވައިގެންނެވެ.
މި އިންތިހާބުގައި އަހްމަދާ އެންމެ ގާތުން ވާދަކުރެއްވީ އަމިއްލަ ގޮތުން ނުކުމެވަޑައިގަތް ކެންޑިޑޭޓް ނައުފަލް އަބްދުލްހަންނާނެވެ. ނައުފަލްއަށް މި އިންތިހާބުގައި ލިބިވަޑައިގަތީ 200 ވޯޓެވެ.
ކޮމެންޓު ފޮނުވާ