ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު އަންގާރަ ދުވަހު އަލުން ކިޔެވުން ފެށުމަށް އެ ސްކޫލުން ތައްޔާރުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 12:15 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ސްކޫލުގެ ޕްރައިމަރީ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި ސްމާޓް ކްލާސްރޫމެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެމްއެންޑީއެފުން ހަރަކާތްތެރިވެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އެރޭގެ 2:50 ހާއިރުއެވެ. މި ހާދިސާގައި ބައެއް ޓީޗަރުންގެ ލެޕްޓޮޕްތަކާއި ކިޔަވައިދޭން ބޭނުންކުރާ މުހިންމު ފައިލްތައް ވަނީ ގެއްލިފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެއްޗާއި ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރިން ބޭނުންކުރި ރިސޯސް އިމާރާތަށް ސްޓާފް ރޫމާއި ޕްރިންޓިން ރޫމް ބަދަލުކޮށް، ޓީޗަރުންނަށް އިތުރު ބުރައަކަށް ނުވާނެހެން އިންތިޒާމުތައް ހަމަޖައްސާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސްކޫލުގެ ޕްރިންސިޕަލް ތަމްޙީދު ވިދާޅުވި ގޮތުގައި ކްލާސްރޫމްތަކުގެ ޖާގައަށް އެއްވެސް ދައްޗެއް ނެތެވެ. އަދި ޕްރިންޓިން ރޫމަށް ބޭނުންވާ ސާމާނުތައް ކުރިއަށް އޮތް ބޯޓުން ރަށަށް ގެނެވޭނެއެވެ. މީގެ އިތުރުން، ޓީޗަރުންނާއި ލީޑިން ޓީޗަރުންނަށް ބޭނުންވާ ލެޕްޓޮޕާއި ސިސްޓަމްތައްވެސް މިހާރު ހަމަޖެހިފައިވާތީ، އަންގާރަ ދުވަހު އާންމު އުސޫލުން ކިޔެވުން ފެށިގެން ދާނެކަމުގެ ޔަގީންކަން ސްކޫލާއި މިނިސްޓްރީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ