ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ޚަލާސްކޮށްފިއެވެ.
މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އިން ވިދާޅުވި ގޮތުގައި، ސުކޫކުގެ އަސްލު އަދަދުކަމަށްވާ 500 މިލިއަން ޑޮލަރާއި، ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރު ހިމެނޭ ގޮތަށް ޖުމްލަ 524.68 މިލިއަން ޑޮލަރު ވަނީ ދައްކައިފައެވެ. މި ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެވެ.
މި ސުކޫކު ވިއްކާފައިވަނީ 2021 ވަނަ އަހަރު، ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށެވެ. ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، ބާޒާރުގެ ރޭޓްތަކާ އަޅާ ބަލާއިރު ބޮޑު ރޭޓެއްގައި ވިއްކި މި ސުކޫކަށް، ވިއްކި ވަގުތު ދެއްކުމުގެ ހަރުދަނާ ރޭވުމެއް ނޭޅިކަން ފާހަގަކުރެވެއެވެ. ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން، ރާއްޖޭގެ މާލިއްޔާއަށް ބުރަ ނުވާ ގޮތަށް ސުކޫކު ދެއްކުމަށް ބޭނުންވާ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވެއެވެ.
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ ގުޅިގެން، އެސް.ޑީ.އެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ތާރީހީ ގޮތުން ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. ހަމައެއާއެކު، ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ ރެކޯޑް މިންވަރަކަށް ބަދަލުވެ، މިއަހަރުގެ މާރިޗު މަސް ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށްވުރެ މަތިވެފައެވެ. ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ރިޒާވް މި ހަރުފަތަށް ތިލަ ވެގެން މިދިޔައީ ފުރަތަމަ ފަހަރަށްކަން ވަނީ ފާހަގަކުރައްވާފައެވެ.
ވުޒާރާ އިން ހާމަ ކުރެއްވި ގޮތުގައި، ސުކޫކު ޚަލާސް ކުރުމަށްފަހު، ސަރުކާރުގެ ސަމާލުކަން ހުރީ ތެލާއި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ގައުމުގެ އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން، ކުރިއަށް ހުރި ދަރަނިތައް ދެއްކުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހަމަ ވަމުންދާ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި، މި މަހު ނިޔަލަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކުރުމަށް އަބޫދާބީ ފަންޑާ ވެވިފައިވާ އެއްބަސްވުންތައް ކާމިޔާބުކަމާ އެކު ނިންމާލިކަން ވެސް ވަނީ ހާމަ ކުރައްވާފައެވެ.
ދުނިޔޭގެ އިގުތިސާދީ ހާލަތަށް ލޮޅުން ތައް އަންނަ ދަނޑިވަޅެއްގައި ވެސް، ރާއްޖޭގެ ފިސްކަލް ހަމަ ޖެހުން ދެމެހެއްޓި، ޖީ.ޑީ.ޕީ ގެ ނިސްބަތުން ދަރަނި ތިރިކޮށް، ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ސަރުކާރު ދެމިއޮންނާ ނެ ކަމުގެ ޔަގީންކަން ވުޒާރާ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ