މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރުވެ، ދައުލަތުގެ ބަޖެޓު 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. އެއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސް 59.0 އިންސައްތަ އިތުރުވެ 516.4 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު ފައިސާވެސް ވަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށެވެ. އެކަމަށް 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެހީއާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރެއިން ސަބްސިޑީއަށް އެކަނިވެސް 891.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރު އަދަދެކެވެ.
ކޮމެންޓު ފޮނުވާ