ހއ. މުރައިދޫގެ މަގުތަކާއި އެ އަތޮޅު ބާރަށުގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
މި އެއްބަސްވުންތަކުގެ ދަށުން ހއ. މުރައިދޫގެ މަގުތަކާއި ހއ. ބާރަށުގެ ރިންގް ރޯޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އެގޮތުން މި ދެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ފަރުމާކޮށް، އަމަލީ މަސައްކަތް ކުރުން އާރްޑީސީގެ މައްޗަށް ލާޒިމުވާނެއެވެ.
މިއީ ރާއްޖޭގެ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން މުހިންމު ދެ މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ