ހޯމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް "ފުނޑުފުނޑު" ކޮށްލާނަން: ޓްރަމްޕް

ހޯމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް "ފުނޑުފުނޑު" ކޮށްލާނަން: ޓްރަމްޕް

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 10:45
0

48 ގަޑިއިރުގެ ތެރޭގައި ތެހެރާނުން ހޯމޫޒް ކަނޑުއޮޅި އަލުން ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާއިފިއެވެ.

ޓްރޫތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި، އެއްވެސް ބިރަކާ ނުލައި، ފުރިހަމައަށް އީރާނުން ހޯމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އެމެރިކާއިން އެމީހުންގެ އެކި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ ފުނޑުފުނޑުކޮށްލާނެ، ފަށާނީ އެންމެ ބޮޑު މަރުކަޒުން!" ކަމަށެވެ.

ޓްރަމްޕް މި ޕޯސްޓު ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ އީޓީ ގަޑިން 7:44 ގައެވެ. އެހެންކަމުން މި މުހުލަތު ހަމަވާނީ ހޯމަ ދުވަހުގެ ރޭ އީޓީ ގަޑިން 7:44 (ތެހެރާނު ގަޑިން އަންގާރަ ދުވަހުގެ ފަތިހު 3:14) ގައެވެ.

މި އިންޒާރަކީ ޓްރަމްޕްގެ ރާގު އިތުރަށް ހަރުކަށިވެގެން ދިޔަކަން އަންގައިދޭ ކަމެކެވެ. މީގެ ކުރިން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ ވާހަކަ ދެއްކެވި ނަމަވެސް، އޭގެ ސަބަބުން ގައުމު އަލުން އާރާސްތުކުރުމަށް ހުރަސްއެޅިދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކަނޑުއޮޅި ބަންދުކުރުމުން އީރާނަށް ބޮޑު ބާރެއް ލިބިގެންދާކަން ނުސީދާކޮށް ގަބޫލުކުރެއްވުމެކެވެ.

ޓްރަމްޕްގެ މި އެންމެ ފަހުގެ އިންޒާރު އައިސްފައިމިވަނީ، މެދުއިރުމަތީގައި ކުރިއަށްދާ އަސްކަރީ މަސައްކަތްތައް "މަޑުޖައްސާލުމަށް" އެމެރިކާއިން ވިސްނަމުންދާކަމަށް ވިދާޅުވެ، ހޯމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު އާއްމު ހާލަތަކަށް ގެނައުމަށް ވައިޓް ހައުސްއިން ގެންގުޅޭ ޕްލޭނާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ރައްދުދެއްވައި، "ވަކި ހިސާބަކުން އެތަން އަމިއްލައަށް ހުޅުވޭނެކަމަށް" ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

އަދި މިއީ އީރާނުގެ ތެޔޮ އަދި ގޭސް ފެސިލިޓީތަކަށް ހަމަލާދިނުން ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެންގެވިކަމަށް ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް އައި އިންޒާރެކެވެ.

ނަމަވެސް އެމެރިކާގައި ގޭހުގެ އަގުތައް މައްޗަށް ދިއުމާއެކު، އެމެރިކާގެ އޮފިޝަލުން އަންނަނީ އެތައް މަހަކަށް މި ކަނޑުއޮޅި ބަންދުވެފައި އޮވެދާނެތީ އެކަން ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އަދި މި މުހިންމު ކަނޑުއޮޅި އަލުން ހުޅުވުމަކީ ސާފު ހައްލެއް ނެތް ބޮޑު މައްސަލައެއްކަން އޮފިޝަލުން ސިއްރުން ގަބޫލުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.