އެމްޓީސީސީގެ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އަންނަ ހޯމަ ދުވަހު ވޯކް-އިން އިންޓަވިއު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީން އެކްސްގައި މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. ވޯކް-އިން އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗު 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިނަލްގައެވެ. މި އިންޓަވިއުއަށް ހާޒިރުވާއިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އިތުރުން ޑްރައިވިން ލައިސަންސް ގެންދަން ޖެހޭނެކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
މީގެ ކުރިން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް އެމްޓީސީސީން ވަނީ ޓެކްސީ ޑްރައިވަރުން ހޯދުމަށް މިފަދަ ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރު އެ ކުންފުނިން ވަނީ ޖުމްލަ 407 ޑްރައިވަރުންނަށް ފުރުސަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 122 ޕާޓް-ޓައިމް ވަޒީފާއާއި 285 ފުލް-ޓައިމް ވަޒީފާއެވެ.
ކޮމެންޓު ފޮނުވާ