ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް އޭވިއޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖިމް ވޯލްފްއެވެ.
މިކަމާ ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، މީގެ ސަބަބުން ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުގެ ދާއިރާއިން އައު ފުރުސަތުތަކެއް ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ގުޅާލުމުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އެއާލައިންތަކެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ