އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އިތުރު އެއްވެސް ގައުމެއްގެ އަސްކަރީ އެހީތެރިކަމަށް ދެން ބޭނުންނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވެފައި މިވަނީ، އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށް ނޭޓޯ އާއި އެހެނިހެން ބޮޑެތި ބާރުތަކުގެ ކިބައިން އެމެރިކާއިން އެދުމުން، އެކަމަށް ގިނަ ގައުމުތަކުން ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގަ އެވެ. ފްރާންސާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވަނީ މިހާރު އޮތް ނުރައްކާތެރި ހާލަތުގައި އެ އޮޕަރޭޝަންގައި ބައިވެރިވުމަށް އިންކާރުކޮށްފަ އެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދެމުންދާ ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ލީޑަޝިޕް ސުންނާފަތިކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެހެންކަމުން ނޭޓޯގެ އިތުރުން ޖަޕާނާއި އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާ ފަދަ އެއްވެސް ގައުމެއްގެ އެހީތެރިކަން ދެން ބޭނުންނުވާ ކަމަށް އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވި އެވެ.
އެހީތެރިކަން ދޭން އެކުވެރި ގައުމުތަކުން ދެކޮޅު ހެދުމުން އެކަމާ ހައިރާންވެވަޑައިނުގަންނަވާ ކަމަށާއި، ނޭޓޯއަކީ އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެހެން ގައުމުތައް ހިމާޔަތްކޮށްދޭ "އެއްކޮޅަށް ދުއްވާ މަގެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި ހަނގުރާމައަށް ތިން ހަފްތާ ވެފައިވާއިރު، މުޅި މެދުއިރުމައްޗަށް މިކަމުގެ ނުރައްކާ ވަނީ ފެތުރިފަ އެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކަށާއި އަވަށްޓެރި ގައުމުތަކުގެ ހަކަތަ އުފައްދާ ތަންތަނަށް އީރާނުން ދަނީ ހަމަލާދެމުންނެވެ. ފްރާންސްގެ ރައީސް އިމަނުއަލް މެކްރޯން ވިދާޅުވީ މަސްރަހު ހަމަޔަކަށް އެޅުމުން ބޯޓުފަހަރަށް ހިމާޔަތް ދިނުމުގައި ބައިވެރިވެވިދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ