އަންނަ މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅުވައިގެން، ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާތީ ބަންޑާރަނައިބުގެ އޮފީހުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްގެންދާ މި ފެންނަ ނުފެންނަ ވޯޓަކީ، މި އަހަރުގެ ފެބުރުވަރީ 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ޤާނޫނުއަސާސީގެ 8 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ. އޭޖީ އޮފީހުން ހާމަކުރި ގޮތުގައި މި ބިލުގެ މައިގަނޑު ބޭނުމަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ފަސް އަހަރަށްވުރެ ކުރުކުރުމެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ބުނާގޮތުން، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ފަދަ އަސާސީ މާއްދާތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ. އެހެންކަމުން، މި އިޖުރާއަތް ފުރިހަމަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެބުރުވަރީ 16 ގައި ޚާއްޞަ ޤަރާރެއް ނެރުއްވާފައެވެ. ސަރުކާރުން މިހާތަނަށްވެސް ޢަމަލުކުރަމުންދަނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ އެއްގޮތަށް ކަމަށާއި، ރައްޔިތުންނާ ކުރިމަތިކުރުވާފައިވާ ސުވާލަކީ ވެސް ޤާނޫނީ އިމުގެ ތެރެއިން އެކުލަވާލާފައިވާ ސުވާލެއްކަމުގެ ޔަޤީންކަން ބަންޑާރަނައިބުގެ އޮފީހުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ