ރާއްޖޭގައި ކޭބަލް ޓީވީ އަދި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބިދޭސީންނަށް ނުދެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލުމަށް އެދި، އެ ސިނާއަތުގައި ހަރަކާތްތެރިވާ 100 އެއްހާ ވިޔަފާރިވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ރައީސް އޮފީހަށް ހުށަހެޅި މި ޕެޓިޝަނަކީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދާދިފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ޕެޓިޝަނެކެވެ. އެ ބަދަލުގެ ސަބަބުން، ކުރިން ހަމައެކަނި ސައްތައިން ސައްތަ ދިވެހިންނަށް ދެމުން އައި މި ޚިދުމަތުގެ ތެރެއަށް ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް ވަނުމުގެ ފުރުސަތު ވަނީ އަލުން ހުޅުވިފައެވެ. ކުދި އަދި މެދުފަންތީގެ ކޭބަލް އޮޕަރޭޓަރުން ބޭނުންވަނީ، ކޮމިޝަނަށް ފެނުމުން ފަސޭހައިން ބަދަލުކުރެވޭ ގަވާއިދެއްގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ތެރެއިން މި ވިޔަފާރި ދިވެހިންނަށް ޚާއްސަކޮށް، ދާއިމީ ހިމާޔަތެއް ހޯދުމަށެވެ.
މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑެތި މުވާސަލާތީ ކުންފުނިތަކުން އިންޓަނެޓާއި އެހެނިހެން ޚިދުމަތްތަކާ އެކު ކޭބަލް ޓީވީގެ ޚިދުމަތް ބަންޑަލްކޮށް ހެޔޮ އަގެއްގައި ނުވަތަ ހިލޭ ދޭން ފެށުމުން، ރަށްރަށުގައި އަމިއްލަ ޚަރަދުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ޚިދުމަތްދޭ އާދައިގެ ދިވެހި ވިޔަފާރިތައް ބަނގުރޫޓުވެދާނެތީއެވެ. މިއީ އިންސާފުވެރި ވާދަވެރިކަމާ ޚިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން މުޅި މާކެޓު މަދު ކުންފުނިތަކެއްގެ މޮނޮޕޮލީއަކަށް ބަދަލުވެ، ރަށްރަށުގެ އިގުތިސާދަށް ގެއްލުންވެ، އެތައް ބައެއްގެ ވަޒީފާއާއި އާމްދަނީ ގެއްލިގެންދާނެ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރުވެސް ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް މި ޚިދުމަތް ނުދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް، ކުދި ވިޔަފާރިތަކަށް ހިމާޔަތް ދީފައިވެއެވެ. ނަމަވެސް އަނެއްކާވެސް އެ ފުރުސަތު ބޮޑެތި ކުންފުނިތަކަށް ހުޅުވިފައިވާތީ، ވިޔަފާރިވެރިން މިހާރު އިންތިޒާރުކުރަމުން ދަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވައި، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ. މި ޕެޓިޝަނާ ގުޅިގެން ސަރުކާރުން އަދި މިހާތަނަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ