ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ޑރ. ސަލްމާ ފަތްކޮޅު އަރުވައިފި

ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ޑރ. ސަލްމާ ފަތްކޮޅު އަރުވައިފި

Author
އަހުމަދު
11 މާރޗް 2026 02:09
0

ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޑރ. ސަލްމާ ރަޝީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް އެލެކްސެންޑަރ ވޭން ޑާ ބެލެންއަށް މިއަދު އަރުވައިފިއެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައި ކުރިއަށްދިޔަ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ދެބޭފުޅުން ވަނީ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. ސަލްމާ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތްޕުޅުން އޮސްޓްރިއާގެ ރައީސަށާއި އެޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޤުތިޞާދީ ގޮތުންނާއި އެހެނިހެން މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެއްބާރުލުން ފުޅާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް އެކަމަނާ ވަނީ އަރުވާފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.