ސިޔާސީ މައިދާނަކީ ހަމައެކަނި ފިރިހެނުންގެ ތަނެއް ނޫންކަން އަންހެނުން ސާބިތުކޮށްދީފި: ޝާހިދު

ސިޔާސީ މައިދާނަކީ ހަމައެކަނި ފިރިހެނުންގެ ތަނެއް ނޫންކަން އަންހެނުން ސާބިތުކޮށްދީފި: ޝާހިދު

Author
ޙަސަން މުޙައްމަދު
08 މާރޗް 2026 06:04
0

ސިޔާސީ ކަންކަމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ކަމެއްގެ ގޮތުގައި އޮތް އޮތުން މިއަދު ބަދަލުވެ، ދިވެހި އަންހެނުންގެ ސިޔާސީ ޖޯޝާއި ފޯރި ވަރަށް ބޮޑަށް ފެންނަމުންދާކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަންހެނުންގެ ބައިވެރިވުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމުގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާކަން ފާހަގަކުރައްވައި، ދިވެހި ތާރީޚާއި އިޤްތިޞާދު ބިނާކުރުމުގައިވެސް އަންހެނުން އަދާކޮށްފައިވަނީ ވަރަށް އިސް ދައުރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒޭނާ އާދަމް އާއި ޕާޓީގެ ނައިބު ރައީސާ ޙިސާން ޙުސެންގެ އިތުރުން އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ މަރިޔަމް އީމާ ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޮޒޭނާ ވަނީ، އަންހެނުންނަށް ޚާއްސަ ގޮނޑިތަކުގެ އިތުރުން އާންމު ގޮނޑިތަކަށްވެސް އަންހެނުން ވާދަކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޙިސާންގެ ވާހަކަފުޅުގައި، ސިޔާސީ މަސްރަހުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވެ ހިތްވަރު ދިނުމަށް ކެންޑިޑޭޓުންނަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން އެމްޑީޕީއަށް ލިބިފައިވާ ކުރިއެރުންތަކުގައި އަންހެނުންގެ ހިއްސާ ބޮޑުކަންވެސް ޙިސާން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ މި އޮންލައިން ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.