އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުން ދުބާއީގެ މަޝްހޫރު ބުރުޖު އަލް އަރަބް ހޮޓަލަށާއި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބުރުޖު އަލް އަރަބް ހޮޓަލަށް ގެއްލުން ލިބިފައިވަނީ، އެ ހޮޓަލާ ދިމާލަށް އީރާނުން ފޮނުވާލި ޑްރޯނެއް ވައިގެ ތެރޭގައި ގޮއްވާލުމުގެ ސަބަބުން ވެއްޓުނު ބައިތަކުންނެވެ. މި ހާދިސާގައި ހޮޓަލުގައި އަލިފާން ރޯވި ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތް ކުރެވިފައެވެ. މި ހާދިސާ ހިނގި ވަގުތު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މީގެ އިތުރުން، އީރާނުން ފޮނުވާލި "ޝަހީދު ކަމިކާޒޭ" ޑްރޯނެއް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓި، އެތަނުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަލާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގައި ތިބި މީހުން ހުސްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަގުތުން ފެށިއެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމުން، އީރާނުން ދަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު ކަމަށްވާ ދުބާއީ އެއާޕޯޓަށާއި އަބޫދާބީއަށް އަމާޒުވަމުންދާ މި ހަމަލާތަކާ ގުޅިގެން، ހޮނިހިރު ދުވަހުން ފެށިގެން ދުބާއީއަށް ކުރާ ހުރިހާ ވައިގެ ދަތުރުތަކެއް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކޮމެންޓު ފޮނުވާ