މެލޭޝިއާގައި ހަލުއިކަމާއެކު ޓީބީ ފެތުރޭތީ ރާއްޖެއިން ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

މެލޭޝިއާގައި ހަލުއިކަމާއެކު ޓީބީ ފެތުރޭތީ ރާއްޖެއިން ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

Author
ޙަސަން މުޙައްމަދު
27 ފެބްރުއަރީ 2026 11:25
0

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާގައި ޓީބީ ބަލި ހަލުއިކަމާއެކު ފެތުރެމުންދާތީ، އެކަމާ ގުޅިގެން ހަދަންޖެހޭ "ރިސްކް އެސެސްމަންޓް" ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ މި އެސެސްމަންޓް ހަދައި ނިމުމުން، ލިބޭ މައުލޫމާތާއި ތަފްސީލުތައް އާންމުންނާ ހިއްސާކުރައްވާނެ ކަމަށެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަފުތާއެއްގެ ތެރޭގައި އެކަނިވެސް އެ ގައުމުން ޓީބީގެ 596 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު ދާދި ފަހުން ޕޮޒިޓިވްވި މީހުންގެ އަދަދު 3،000 އިން މައްޗަށް އަރާފައިވާއިރު، ބަލި ފެތުރޭ ސަރަހައްދުތަކުގެ ތެރޭގައި ދިވެހިން ގިނައިން ދިރިއުޅޭ ކުއާލަލަމްޕޫރާއި ޕުޓްރަޖާޔާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ މި ބައްޔަކީ އާންމުކޮށް ފުއްޕާމެއަށް ޖެހޭ ބައްޔެއް ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ބަލި ފެތުރެނީ ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހާ ކެއްސައި ކިނބިހި އަޅާއިރު ނުވަތަ ކުޅުޖަހާއިރު ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމު، އެހެން މީހުންގެ ނޭވާލާ ނިޒާމަށް ވާސިލުވުމުންނެވެ. މި ބައްޔަށް މަދުވެގެން ހަ މަސް ދުވަހު ފަރުވާ ކުރަން ޖެހޭއިރު، ފުރިހަމައަށް ބޭސްކޮށްފިނަމަ މިއީ މުޅިން ފަސޭހަ ކުރެވޭ ބައްޔެކެވެ. ނަމަވެސް ފަރުވާ މެދުކަނޑާލައިފިނަމަ ބޭހަށް ނުގުޑާ ޓީބީއަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.

ރާއްޖޭގައި 1994 ވަނަ އަހަރުން ފެށިގެން ޓީބީއަށް ފަރުވާ ދެމުން އަންނަނީ "ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް" ގެ އުސޫލުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "އެންޑް ޓީބީ" ސްޓްރެޓެޖީއާ އެއްގޮތަށް، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގައި ޓީބީއަކީ އާންމު ސިއްހަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރެވިފައިވާ ބައްޔަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމުގެ މަސައްކަތް ވެސް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.