މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ދުންފުހުގެ އަސަރު، ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މި ވަގުތު މުޅި ރާއްޖެއަށް ވެސް މިކަމުގެ އަސަރު ފޯރާފައިވީ ނަމަވެސް، އެންމެ ބޮޑަށް ދުންފުހި ހުރީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. މި ސަރަހައްދުތަކުގެ ވައި ނުސާފުވުމުގެ ސަބަބުން، ޚާއްސަކޮށް އުތުރުގެ ބައެއް ރަށްތަކަށް ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ދެ ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި އަސަރުތައް ދެމިގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކަކަށް އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. ހަމައެއާއެކު، މިއީ ވައި ނުސާފު ދުވަސްވަރަކަށްވާތީ، ބޭރުތެރޭގައި ހަރަކާތްތެރިވެ އުޅޭއިރު ސިއްހީ ރައްކާތެރިކަމަށް އިސްކަންދިނުމަށާއި، ވަކިން ޚާއްސަކޮށް ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން މިދުވަސްވަރު އިތުރަށް ފަރުވާތެރިވުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ