ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމަލީގޮތުން ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.
ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު ވަނީ މާލޭގެ މައްޗަންގޯޅި ދާއިރާގެ އެކި ގޭގެއަށް ޒިޔާރަތްކުރައްވައި، މަގުމަތިން ވެސް އާންމުންނާ ބައްދަލުކުރައްވާފައެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެމަނިކުފާނު މިގޮތަށް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މި ޑޯޓުޑޯ ހަރަކާތުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ޕީއެންސީގެ އިސް ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގައި ޚާއްސަ ގޮތެއްގައި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އައިޝާ އަލައިކާ އަދި އެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ވަނީ ރައީސްއާ އެކު ދޮރުން ދޮރަށް ހިންގަވައި ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު، ސިޔާސީ ގޮތުން އެންމެ ވާދަވެރިކަން ބޮޑީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއާ ދެމެދުގައެވެ. އިންތިހާބުގެ ވޯޓުލުމާ ހަމައަށް ދިއުމުގެ ކުރިންވެސް، ޕީއެންސީން ވަނީ ކައުންސިލްގެ 28 ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 41 ގޮނޑި ކަށަވަރުކޮށްފައެވެ. ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބަށް ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ