ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރު ފަހަނަޅައި، ރަސްމީ ރިޒާވް ބިލިއަނަކަށް އަރައިފި

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރު ފަހަނަޅައި، ރަސްމީ ރިޒާވް ބިލިއަނަކަށް އަރައިފި

Author
ހުސައިން
21 ފެބްރުއަރީ 2026 01:47
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް 1 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިލައި، ބޭނުންކުރެވޭ ރިޒާވްވެސް 300 މިލިއަން ޑޮލަރު ފަހަނަޅައި ހިނގައްޖެއެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާގޮތުން ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 983.04 މިލިއަން ޑޮލަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް އެއް ބިލިއަން ޑޮލަރުގެ މިންގަނޑު ފަހަނަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރު ރިޒާވް މަތިވެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާއި، ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުންނެވެ.

ރަސްމީ ރިޒާވްގެ އިތުރުން، އިޤްތިޞާދީ ހާލަތު ވަޒަންކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ "ބޭނުންކުރެވޭ ރިޒާވް" ނުވަތަ ޔޫސަބަލް ރިޒާވްވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން، ކުރު މުއްދަތުގައި ދައްކަންޖެހޭ 839.8 މިލިއަން ޑޮލަރުގެ ދަރަނި އުނިކުރުމަށްފަހު، ޖަނަވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި 301.4 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ފާއިތުވި ދެ އަހަރު ރިޒާވް ހީނަރުވެފައި އޮތުމަށްފަހު، މިދިޔަ އަހަރު ނިމުނުއިރު ހުރި 244.1 މިލިއަން ޑޮލަރާ އަޅާބަލާއިރު 25 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ރާއްޖޭގެ މާލީ ހާލަތަށް އައިސްފައިވާ މި ހެޔޮ ބަދަލުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމާއި، ބޭރު ފައިސާއާ ބެހޭ އައު ޤާނޫނަށް އަމަލުކުރަން ފެށުން ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ނިސްބަތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، އޭގެ ތެރެއިން ބައެއް އެމްއެމްއޭއިން އަނބުރާ ބޭންކުތަކަށް ރީއެލޮކޭޓް ކުރެއެވެ.

ރިޒާވަށް ލިބުނު މި ކުރިއެރުމާއެކު، ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށްގެން މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން ފެބްރުއަރީ 17 އިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް، އާންމުކޮށް ދޫކުރާ ވަރަށްވުރެ 32 އިންސައްތަ އިތުރަށް ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރަމުން ގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.