ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އެންމެހައި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވިފައިވާ، ކަރާމާތްތެރި އަދި ހަމަހަމަ މުޖުތަމައެއް ބިނާކުރުމުގެ އަޒުމުގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ދެކެމުންދާ ހުވަފެނެއް ނުވަތަ އުންމީދެއް ނޫނެވެ. އެއީ ސުލްހަވެރިކަމާއި، ވިލުންތެރިކަމާއި އަދި ހަމަހަމަކަމާއެކު މުޖުތަމައުތައް ބައްޓަންކުރުމަށް މަގުދައްކައިދޭ މައިގަނޑު އަސާސެވެ. މިގޮތުން މުޖުތަމައުގެ ޝާމިލުކަން އިތުރުކޮށް، ފަރަގުތައް ނައްތާލުމަށް އައު އަޒުމެއްގައި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އަދި 'ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް' ގައި ރާއްޖެ ބައިވެރިވުމަކީ، ޤައުމީ ސިޔާސަތުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަކޮށް، އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ހަގީގީ އިޖުތިމާއީ އަދާލަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފުރުސަތުތަކާއި ކަރާމާތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމެވެ. އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އިލްތިމާސްކުރައްވަމުން، މި ދުވަހަކީ ފަޤީރުކަމާއި، މީހުން ބާކީކުރުމާއި އަދި ނާއިންސާފާ ދެކޮޅަށް އަޑުއުފުލައި، އިޖުތިމާއީ ހަމަހަމަކަން ޕްރޮމޯޓުކުރުމަށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ