ޖިންސީ ކުށްތަކުގެ ހުކުމްތަކެއް އައިސްފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައެއްގައި، އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށް، 11 ގަޑިއިރުގެ ސުވާލުކުރުމަކަށްފަހު ދޫކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެންޑްރޫ ހައްޔަރުކޮށްފައިވަނީ، 2001 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އިނގިރޭސި ވިޔަފާރީގެ މަންދޫބެއްގެ ގޮތުގައި އޭނާ ހުންނެވިއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ. ޚާއްސަކޮށް، އެ މަގާމުގައި ހުންނަވައިގެން ދައުލަތުގެ ނާޒުކު ސިއްރު މައުލޫމާތުތަކެއް އެޕްސްޓީންއާ ހިއްސާކުރެއްވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
ޖަލުގައި ހުއްޓައި އަމިއްލައަށް މަރުވި އެޕްސްޓީންގެ މައްސަލައާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދާދި ފަހުން އާންމުކުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކުން، އެންޑްރޫއާއި އެޕްސްޓީންއާ ދެމެދު އޮތް ގާތް ގުޅުން ހާމަވެފައިވެއެވެ. އަދި މި ލިޔުންތަކުން އެނގޭ ގޮތުގައި ސިއްރު ލިޔެކިޔުންތަކެއް އެންޑްރޫ ވަނީ އެޕްސްޓީންއަށް ފޯރުކޮށްދީފައެވެ.
މި މައްސަލައިގައި އެންޑްރޫ ދޫކޮށްލާފައިވީ ނަމަވެސް، ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ޚަބަރުތައް ބުނެއެވެ. މިކަމާ ގުޅިގެން ރަސްގެފާނު ޗާލްސް ވިދާޅުވެފައިވަނީ ފުލުހުންގެ ތަހުގީގަށް ޝާހީ އާއިލާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އެޕްސްޓީންގެ މައްސަލަ ފެންމަތިވުމާއެކު، މީގެ ކުރިން ޗާލްސް ވަނީ އެންޑްރޫގެ ޝާހީ ހުރިހާ ލަގަބުތަކެއް ނަންގަވައި، ގަނޑުވަރުން ވެސް އޭނާ ނެރުއްވާފައެވެ.
ކޮމެންޓު ފޮނުވާ