ޗާގޯސް ދޫކޮށްލުމަކީ ސްޓާމަރ ހެއްދެވި "ބޮޑު ގޯހެއް"، އެކަމުގެ ސަބަބުން ނުރައްކާ ބޮޑު: ޓްރަމްޕް

ޗާގޯސް ދޫކޮށްލުމަކީ ސްޓާމަރ ހެއްދެވި "ބޮޑު ގޯހެއް"، އެކަމުގެ ސަބަބުން ނުރައްކާ ބޮޑު: ޓްރަމްޕް

Author
ޙަސަން މުޙައްމަދު
19 ފެބްރުއަރީ 2026 01:27
0

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ޖަޒީރާ (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ނިންމެވި ނިންމެވުމަކީ ހެއްދެވި ވަރަށް "ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރަސްމީކޮށް ރުހުން ދިންތާ އެއް ދުވަސް ފަހުން، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓާމަރ އެ ގެންދަވަނީ އެއްވެސް އަސާސެއް ނެތް "ޚިޔާލީ" ވާހަކަތަކެއް ދައްކާ ބަޔަކަށް ދޫދެއްވައި، މުހިންމު ރަށެއްގެ ކޮންޓްރޯލް ދޫކޮށްލައްވަމުން ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހު އޮތްގޮތުން، ޚާއްސަކޮށް އީރާނުން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި ޑިއޭގޯ ގާސިއާގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި، ޓްރަމްޕް ވިދާޅުވީ މިއީ ކުރިން ދުވަހަކުވެސް އަޑުނީވޭ ބައެއްގެ ދައުވާތަކަށް ބޯލެނބުން ކަމަށެވެ. މީގެ ކުރިން ފެބްރުއަރީ މަހު ސްޓާމަރއާ ވާހަކަދެއްކެވުމަށްފަހު، އެއީ ހެދޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ޓްރަމްޕް ސިފަކުރެއްވި ނަމަވެސް، މިހާރު އެމަނިކުފާނުގެ ރޫހު ވަނީ މުޅިން ބަދަލުވެފައެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ ތާރީޚީ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރި ނަމަވެސް، އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގާ ޑިއޭގޯ ގާސިއާ 99 އަހަރުގެ މުއްދަތަކަށް އިނގިރޭސިވިލާތުން ކުއްޔަށް ހިފާނެއެވެ. މިކަމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ފައުންޑް އިނގިރޭސި ސަރުކާރުން ޚަރަދުކުރަން ޖެހޭއިރު، އިނގިރޭސި ފޮރިން އޮފީހުން ބުނަނީ މިއީ ދިގު މުއްދަތަކަށް އެ މަރުކަޒު ދެމެހެއްޓޭނެ ހަމައެކަނި ގޮތް ކަމަށެވެ.

ތާރީޚަށް ބަލާއިރު 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް މި ޖަޒީރާތައް މޮރިޝަސްއާ ވަކިކުރީ 1960 ގެ އަހަރުތަކުގައެވެ. އޭގެ ފަހުން އެމެރިކާގެ އަސްކަރީ މަރުކަޒެއް އެޅުމަށް އެތަނުގެ ވަޒަންވެރިން މަޖުބޫރުން ބޭރުކޮށްލި މައްސަލައިގައި، 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ނިންމައި، އިނގިރޭސިން އެތަން ދޫކޮށްލުމަށް ގޮވާލާފައެވެ. މި ނިންމުމަށް ތާއީދުކޮށް އދ. އިންވެސް ވަނީ ގަރާރެއް ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.