މުޅި ރާއްޖޭގެ ވައި ނުސާފުވެ، ނުރައްކާތެރި މިންވަރަކަށް ވައިގެ ސާފުމިން ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ދުވަސްވަރު އިރުއުތުރުން ޖެހެމުންދާ ވަޔާއެކު ދުންފިނީގެ އަސަރު މުޅި ރާއްޖެއަށް ދަނީ ކުރަމުންނެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިކަމުގެ އަސަރު ބޮޑަށް ފޯރާފައިވާއިރު، ތަންތަން ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖެ މަތީގައި މި ހާލަތު ދެމިއޮންނާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ނޫނީ ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. މީގެ އިތުރުން، ޚާއްސަ ސަމާލުކަމެއް ދީގެން ކުޑަކުދިންނާއި، މާބަނޑު މީހުން އަދި ބަލި މީހުން މި ދުވަސްވަރު ބޭރަށް ނުނުކުތުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓު ފޮނުވާ