ރޯދައަށް ގޭހުގެ ދަތިކަން ފިލާނެ: އާ ޝިޕްމަންޓެއް މި ހަފުތާގައި

ރޯދައަށް ގޭހުގެ ދަތިކަން ފިލާނެ: އާ ޝިޕްމަންޓެއް މި ހަފުތާގައި

Author
އަލީ ރައޫފް
15 ފެބްރުއަރީ 2026 10:42
0

ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް މި ހަފުތާގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށާއި، ރޯދަމަސް ފެށޭއިރު މިހާރު ދިމާވެފައިވާ ގޭހުގެ ދަތިކަން އެއްކޮށް ހައްލުވެގެންދާނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ދެއްވައިފި އެވެ.

ދުނިޔޭގެ ބާޒާރުގައި ގޭސް ސަޕްލައި ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން މިވަގުތު އާންމުންނަށް ވިއްކަމުން އަންނަނީ 10 ކިލޯގެ ފުޅީގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް މި ބަދަލާ ގުޅިގެން އެ ކުންފުނިން ވަނީ ގޭސް ވިއްކާ އަގުތަކަށް ޚާއްސަ ޑިސްކައުންޓެއް ހަމަޖައްސައިދީފަ އެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، ރާއްޖެއަކީ ގޭހުގެ މާކެޓު ކުޑަ އަދި ސްޓޯރޭޖް ކެޕޭސިޓީ ދަށް ގައުމަކަށް ވުމުން، ސަރަހައްދީ އެހެން ގައުމުތަކާ ޚިލާފަށް ސަޕްލައިއަށް ބުރޫއެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ގޭހަކީ އާންމު މުދާ އެތެރެކުރާ އުސޫލުން ފަސޭހައިން ގެނެވޭ އެއްޗަކަށް ނުވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، މޯލްޑިވް ގޭހުން އާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރޯދަމަސް ފެށޭއިރު އާންމުންނަށް ދަތިނުވެ ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސްފުޅި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝިމާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރޯދަ މަހު ބަރާބަރަށް ގޭސް ލިބެމުންދާނެ އެވެ.

އޭޝިއާ ސަރަހައްދުގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ސަޕްލައި ތާށިވެ އާންމުންނަށް ދަތިތަކާ ކުރިމަތިވާން ފަށާފައިވާތާ ދުވަސްކޮޅެއް ވެފައިވާއިރު، މީގެ އަސަރު އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ވެސް ވަނީ ކޮށްފަ އެވެ. އެހެންނަމަވެސް، އެސްޓީއޯއިން ބުނަމުން އަންނަނީ މެނޭޖު ކުރެވޭ ވަރަށް ރާއްޖޭގައި ގޭސް އެބަހުރި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.