ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި، ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުހައްމަދު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ނަދީފް ހައްޔަރުކޮށް، އޭނާ ބަލައިފާސްކުރިއިރު ސްކޭމް ހިންގުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިމް ކާޑާއި، ކޭޭޝް ކާޑު އަދި މޯބައިލް ފޯނުތައް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އޭނާގެ އަތުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވީ ނަމަވެސް، ފެނުނު ފައިސާގެ ޖުމްލަ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނަދީފްގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތަކީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާކަމަށް ދައްކައި، އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމެވެ. އަދި މިގޮތަށް ހޯދާ ފައިސާ އެހެން މީހުންގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ ނަގައި ދައުރުކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރާކަމަށް ފުލުހުން ބުނެއެވެ. އޭނާއަކީ މިފަދަ ކުށްތައް ރާވައި، ސްކޭމް ނެޓްވޯކްތަކަށް ލިބޭ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި ސްކޭމްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ