ފ. އަދި ދ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ

ފ. އަދި ދ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ

Author
އަހުމަދު
10 ފެބްރުއަރީ 2026 05:06
0

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ އާރްޓީއެލް ފެރީގެ ޚިދުމަތް، އަންނަ ހަފުތާގެ ތެރޭގައި ފ. އަތޮޅާއި ދ. އަތޮޅުގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި ޚިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ދެ އަތޮޅުގައި ޖުމްލަ ހަތަރު ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފ. އަތޮޅުގެ އެތެރޭގެ ރޫޓަކާއި، ދ. އަތޮޅުގެ ދެ ރޫޓު ހިމެނެއެވެ. މީގެ އިތުރުން، މި ދެ އަތޮޅު ގުޅާލުމުގެ ގޮތުން ފ. ނިލަންދޫ އާއި ދ. މީދޫއާ ދެމެދު ދަތުރުކުރާ ޚާއްސަ ފެރީ ރޫޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން، އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ޓެސްޓު ދަތުރުތައް ބޭއްވުމަށް ވަނީ ރާވާފައެވެ. މި މުއްދަތުގައި އާންމުންނަށް އެއްވެސް އަގަކާ ނުލައި ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ޓެސްޓު ދަތުރުތަކަށްފަހު މި މަހުގެ 25 ވަނަ ދުވަހު އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް އެ ދެ އަތޮޅުގައި ފަށާނެއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިހާތަނަށް ޚިދުމަތް ނުފެށި އޮތީ ޒޯން 3 އަދި 4 ގައެވެ. މީގެ ތެރެއިން ޒޯން 4 ގައި ހިމެނެނީ މ، ފ، ދ އަދި ލ އަތޮޅެވެ. އަދި ޒޯން 3 ގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅެވެ. މި ފެށޭ ޚިދުމަތާއެކު ޒޯން 4 ގެ ބޮޑު ސަރަހައްދަކަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.