މޯލްޑިވްސް ގޭހުން ގޭސް ޝިޕްމަންޓެއް ގެނައުމަށް ދުބާއީ ކުންފުންޏަކަށް ދެއްކިކަމަށް ބުނާ ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.
މި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނައީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ގޭސް ގަތުމަށް އެޑްވާންސްގެ ގޮތުގައި ދެއްކި 246،545 ޑޮލަރު (ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ) އަށް ވީނުވީއެއް ނޭނގި ގެއްލިފައިވުމަކީ ދައުލަތުގެ ކުންފުންޏަކާ މެދު އުފެދޭ ވަރަށް ސީރިއަސް ކަންބޮޑުވުމެކެވެ. އެހެންކަމުން އެ ފައިސާއަށް ވީގޮތް ހޯދައި، އެކަން ތަހުގީގުކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހުށަހެޅުއްވީ، މޯލްޑިވްސް ގޭހުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯ މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށެވެ. ނާޒިމް ފާހަގަކުރެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން އެސްޓީއޯއިން މިހާރުވެސް ވަނީ ވަކި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންކަމުން ކޮމިޓީން ނިންމީ އެ މައުލޫމާތުތައް ލިޔުމުން ހޯދުމަށެވެ.
ފައިސާގެ މައްސަލައިގެ އިތުރުން، ޝާކިރުގެ ސިޓީގައި މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ކުރެވޭ ތުހުމަތުތަކެއް ވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވި ކަމަށް ބުނާ މައްސަލައެއް ވެސް ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ