މާލެ (9 ފެބްރުއަރީ 2026) – އީސްޓް އޭޝިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހޮންކޮންގ-ގެ ގްރޭޓަރ ބޭ އެއަރލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ.
މި އެއަރލައިންގެ ފުރަތަމަ ފްލައިޓް (HB2500) ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެ (8 ފެބްރުއަރީ 2026) އެވެ. މި ފްލައިޓުން ޖުމްލަ 174 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު، ފްލައިޓް ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.
މި ދަތުރުތަކުގައި ގްރޭޓަރ ބޭ އެއަރލައިންސް އިން ބޭނުންކުރާނީ ބޮއިންގ 737 މެކްސް (Boeing 737 MAX) މަރުކާގެ ބޯޓުތަކެވެ. މިއީ ހޮންކޮންގ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށި ދެވަނަ އެއަރލައިނެވެ. މިކަމުން ދައްކުވައިދެނީ ހޮންކޮންގ މާކެޓުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމެވެ.
މި އައު ދަތުރުތަކާއެކު އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކާއި އިޚްތިޔާރުތައް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ