ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، އެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮންނާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ވީނަމަވެސް، އާންމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށް ނިންމާފައިވަނީ ރޯދަ މަސް ފެށުމުގެ ކުރިންނެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ފިހާރަތައް ދަންވަރު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން، ރޯދަ މަހުގެ ރޭތަކުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މި މުއްދަތުގައި ކެފޭ އަދި ރެސްޓޯރެންޓްތައް ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ޚިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ