ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް އޭގެ މަންފާ ރައްޔިތުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ ހަގީގަތަކަށް ހެދޭނެ ކަމެއް ނޫން ކަމަށާއި، އެ ވާހަކައަށް ގިނަ ބަޔަކު ޖޯކު ޖަހަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރުން މަދުވެގެން 10 ރިސޯޓު ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެ ތަންތަނުގެ ހިއްސާދާރުންގެ ގޮތުގައި ރައްޔިތުން ހަމަޖައްސައި، އޭގެ ފައިދާގެ ގޮތުގައި 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ޖަމާކޮށްދެއްވާނެ ކަމަށް ރައީސް ވަނީ އަންދާޒާ ކުރައްވާފައެވެ.
އެމްޑީޕީން ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، ރިޔާސީ ބަޔާނުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައީސް މުއިއްޒު ދެއްކެވީ ޖޯކަކަށް ވާފަދަ ބޮޑެތި ވައުދުތަކެއްގެ ވާހަކަ ކަމަށެވެ. ޚާއްސަކޮށް ސަރުކާރުން ރިސޯޓު ހަދައި ރައްޔިތުންނަށް ޑޮލަރު ބަހާނެ ކަމަށް ވިދާޅުވި ވާހަކައަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ޖޯކެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށް ސޯލިހު ފާހަގަކުރެއްވިއެވެ.
މިކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާމެދު ސުވާލު އުފައްދަވަމުން ސޯލިހު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 800 މިލިއަން ނުވަތަ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށެވެ. އެހެންކަމުން އެ ފައިސާ ހޯދާނެ ގޮތެއް ސާފުނުވާ ކަމަށާއި، ރައީސް މުއިއްޒު ދައްކަވަމުން ގެންދަވަނީ އަމަލީ ގޮތުން ތަންފީޒު ނުކުރެވޭނެ ފަދަ ޚިޔާލީ ވާހަކަތަކެއް ކަމަށް ސޯލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ