ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދޭންޖެހޭ ފައިސާ، މި ހިނގާ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދޫކޮށް ނިންމުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް އަންގައިފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އިނާޔަތް ދިނުމުގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް މައުލޫމާތު އަޕްލޯޑްކޮށް ޕޯސްޓް ކުރަންޖެހޭނެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނު ލާޒިމުކުރާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެއެވެ. މި ފައިސާ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލު ހާމަކުރަމުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދޭނީ އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެކަނި ކަމަށެވެ.
މީގެއިތުރުން، ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް ނުވަތަ ސްކޮލަޝިޕްގައި ތިބޭ މުވައްޒަފުންނާއި، ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް މި އިނާޔަތް ނުލިބޭނެ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، މިފަދަ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު ރޯދަ މަސް ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެނަމަ، އެ މުވައްޒަފަކު ޚިދުމަތަށް ނުކުތް ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ މިންވަރެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ