ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެކަން، މިހާރު ފެންނަމުންދާ މަންޒަރުތަކުން ވަރަށް ބޮޑަށް ސާފުވެފައިވާކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ ޝައުގުވެރިކަމާއި ފަރުވާތެރިކަމަކީ މީގެ ކުރިން އެހެން ވެރިއެއްގެ ފަރާތުން ފެނިފައިނުވާ ފަދަ ނަމޫނާއެކެވެ. އެހެންކަމުން، ސިޔާސީ ވާދަވެރިން އެކި މަންސަތަކުގައި ރައީސަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކަށް މިހާރު ރައްޔިތުން ސަމާލުކަން ނުދޭކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރާއެކު އެއް ވިސްނުމެއްގައި މަސައްކަތްކުރާނެ މޭޔަރަކާއި ކައުންސިލެއް އިންތިހާބު ކުރެވިއްޖެނަމަ، ތަރައްގީގެ ކަންކަން ޝައްކެއް ނެތް މިންވަރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕީއެންސީގެ މުޅި ޓީމު ގުޅިގެން ކުރާ މަސައްކަތުން މި ފަސް އަހަރު ނިމޭއިރު، ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި މި ޕާޓީން ދެވަނަ ދައުރެއް ކާމިޔާބު ކުރާނެކަން "މާބޮޑަށް ވެސް ސާފު" ވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމު ވެއްޓިފައި އޮތް އިގްތިސާދީ އަދި އިޖުތިމާއީ ފުން އަނދަވަޅުން އަރައިގަނެ، ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާރު ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލުމުން ވެސް މި ސަރުކާރަށް ދެވަނަ ދައުރެއް ލިބޭނެކަން ކަށަވަރުވާކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ