ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައި ގޮތަށް، ސާނަވީ ނިންމާ އިމްތިހާނު (އެސްއެސްސީ) އަދި އޯ ލެވެލް އިމްތިހާނު އޮކްޓޯބަރު/ނޮވެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ތައުލީމީ ދާއިރާގެ ކަލަންޑަރަށް އައި ބޮޑެތި ބަދަލުތަކަށްފަހު، އަލުން ކުރީގެ ތާވަލަށް ރުޖޫއަވުމަށް އެޅި ފިޔަވަޅެކެވެ.
ރާއްޖޭގައި އާންމުކޮށް މި އިމްތިހާނުތައް ބާއްވަމުން އައީ އަހަރުގެ ފަހުކޮޅު ކަމަށްވީ ނަމަވެސް، 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާ ގުޅިގެން އިމްތިހާނުތައް ބާއްވާ ތާރީޚުތަކަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނު 2021 ވަނަ އަހަރުގެ މެއި/ޖޫން އަށް ފަސްކުރެވުނުއިރު، އޭގެ ފަހުން 2022 ވަނަ އަހަރު އިމްތިހާނު ބޭއްވީ މެއި މަހުއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު އިމްތިހާނު ބާއްވަމުން އައީ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި ބަދަލު އަލުން ގެނެސްފައި މިވަނީ، މިހާރުގެ ސަރުކާރުން ތައުލީމީ އަހަރު ފެށޭ ދުވަސްވަރު އަލުން ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމި ނިންމުމާ ގުޅިގެންނެވެ. ކޮވިޑާ ގުޅިގެން ދިރާސީ އަހަރުގެ ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިއަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށޭނީ ޖެނުއަރީ މަހުއެވެ. މިކަމާ ގުޅިގެން އިމްތިހާނުތައް ވެސް ވަނީ ކުރިން އޮތް ގޮތަށް ބަދަލުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، މިއަހަރު ގްރޭޑް 10 އަށް ބަދަލުވި ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު އޮންނާނީ މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ ކޮވިޑަށްފަހު އަހަރުގެ ފަހުކޮޅު އޯ ލެވެލް އިމްތިހާނު ބާއްވާ ފުރަތަމަ ފަހަރެވެ. ހަމައެއާއެކު، ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންގެ އިމްތިހާނުތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ