ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަކީ ރިވެތި އަޚްލާޤާއި ހެޔޮ ސިފަތަކުން ޒީނަތްތެރިވެފައިވާ ޖީލަކަށް ހެދުމުގެ މާތް މަޤްޞަދުގައި، ތަޢުލީމީ ވުޒާރާއިން "ބިންގާ" ގެ ނަމުގައި ޚާއްޞަ ތަރުބަވީ ޕްރޮގްރާމެއް ތަޢާރަފުކޮށް، އެކަމަށް ތައްޔާރުވުމަށް ހުރިހާ ސްކޫލަކަށް އަންގައިފިއެވެ. މި ޕްރޮގްރާމް ފެށުމަށްޓަކައި ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ޤައުމީ މަންހަޖުގެ މައިގަނޑު ތަސައްވުރަކީ ދަރިވަރުންނަށް ހަމައެކަނި ފޮތުގެ ޢިލްމު އުނގަންނައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ތެރެއިން ކޮންމެ ކުއްޖަކީވެސް ދިރިއުޅުމަށް ފައްކާވެފައިވާ، ކުލުނުވެރި، އޯގާތެރި އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރާ ޒިންމާދާރު ކުއްޖަކަށް ހެދުމަކީ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މުޅި އަހަރު ދުވަހަށް ދެމިގެންދާ ގޮތަށް ފަރުމާކޮށްފައިވާ "ބިންގާ" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް ބަހާލައިގެންނެވެ. މިއީ ހަމައެކަނި ސްކޫލްތަކުގެ ހަތަރު ފާރުގެ ތެރޭގައި ހިނގާ ކަމެއްގެ ބަދަލުގައި، ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމާއެކު ދަރިވަރުން ރިވެތި އާދަތަކަށް އަހުލުވެރިކުރުވުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ "ޝުކުރުވެރިވުން" މި ތީމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ މަހެއް ފެށުމުގެ ކުރިން، އެ މަހަކަށް ޚާއްޞަ ކުރެވިފައިވާ ތީމް ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް އަންގަމުން ގެންދާނެއެވެ.
މި މުހިންމު މަސައްކަތް ވިލަރެސްކޮށް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި މަސްމަހަށް ތީމް ކަނޑައެޅުމާއި، އެ ތީމްތަކާ ގުޅޭގޮތުން ހިންގާނެ ހަރަކާތްތައް ސްކޫލްތަކާ ހިއްސާކުރުމުގެ އިތުރުން، ޕްރޮގްރާމް ހިނގާ ގޮތް ވަޒަންކޮށް ސްކޫލްތަކަށް އެހީތެރިވުން ހިމެނެއެވެ. "ބިންގާ" ޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުން ދީނީ ވާޖިބުތަކަށް ފަރުވާތެރިވުމަށާއި، އިޙްތިރާމް ކުރުމާއި، ސާފުތާހިރުކަމާއި، ޒިންމާ ނެގުން ފަދަ ރިވެތި އާދަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ސްކޫލްތަކުން ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ