އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ ދިފާއުގައި ހެކިބަސް ދިނުމަށް އޭނާގެ ރައްޓެހިން ދެކޮޅު ހަދައިފިއެވެ. މާވިންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ގޮތުގައި ތިބި އޭނާގެ ރައްޓެހިން ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން ފުރުސަތު ދިނުމުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ނިންމާފައެވެ.
މި މައްސަލައިގައި މާވިންގެ މައްޗަށް އުފުުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މާވިންއަށް އެހީތެރިވެދީފައިވަނީ އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއެވެ. މޭރީ މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވާއިރު، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ގިނަ ދުވަސްތަކެއް ވަންދެން މާވިން އާއި ލަމްހާ ބަންދުގައި ބައިތިއްބައިގެންނެވެ. ދިފާއީ ހެކިން ހާޒިރުނުވުމާ ގުޅިގެން މައްސަލަ މިހާރު ކުރިއަށް ގެންދާނީ ލިބިފައިވާ އެހެނިހެން ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.
ކޮމެންޓު ފޮނުވާ