ނ. އަތޮޅު ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށްޓަކައި، އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓު އެޅުމަށްޓަކައި ވިހަފަރު ފަޅުން ޖުމްލަ 42 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސަރަހައްދު ހިއްކުމަށް ހަމަޖެހިފައިވަނީ 1.6 މީޓަރުގެ އުސްމިނުގައެވެ.
ނ. އަތޮޅު މާފަރުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް މިހާރުވެސް އޮތް ނަމަވެސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދަށް އިތުރު އެއާޕޯޓެއްގެ މުހިންމުކަން ބޮޑުކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޚާއްސަކޮށް އެ އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި، އިގްތިސާދީ ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ރާވާފައިވާތީ، މި އެއާޕޯޓުގެ ސަބަބުން ދުރު ރާސްތާގައި ބޮޑެތި ލުއިފަސޭހަތަކާއި ފައިދާތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.
ވިހަފަރުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭން ތެރޭގައި ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މިކަން ތަންފީޒުކުރުމުގެ ގޮތުން، އެތަނުގައި އެއާޕޯޓް ތަރައްގީކުރުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅުއްވައި އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާޗު މަހުގައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި، މިއަހަރުގެ ކުރީކޮޅު އެ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ. ވިހަފަރަކީ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރުމަށް ބޭނުންވާ އިގުތިސޯދީ ސިޔާސަތުގެ ދަށުން އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ނުވަ ތަނުގެ ތެރެއިން އެއް ފަޅެވެ.
ކޮމެންޓު ފޮނުވާ