އައިލާ މަޝްރޫޢާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް މުޅިން ބަދަލުވެގެންދާނެ: ސައީދު

އައިލާ މަޝްރޫޢާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް މުޅިން ބަދަލުވެގެންދާނެ: ސައީދު

Author
ޙަސަން މުޙައްމަދު
29 ޖެނުއަރީ 2026 02:33
0

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ އެންމެ ފުރަތަމަ "ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢު ކަމަށްވާ "އައިލާ" ގެ ބިންގާ އެޅުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ފަތުރުވެރިކަމާއި ދިވެހިންގެ އިޤްތިޞާދީ ކުރިއެރުމާމެދު އައު ވިސްނުމަކުން ވިސްނުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރާއްޓެކެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމަކީ އެހެން އެއްވެސް ތަނަކުން ނުލިބޭނެ ފަދަ ނިއުމަތަކަށްވާއިރު، އައިލާ ފަދަ މަޝްރޫޢުތަކ މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ ބާޒާރުގެ ޑިމާންޑާ އެއްގޮތަށް ސިނާޢަތް ކުރިއެރުވުން ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ ރިސޯޓު އަދި ގެސްޓްހައުސް ޓޫރިޒަމްގެ މޮޑެލްއަށް ހެޔޮ ބަދަލުތަކެއް އައިސް، ފަތުރުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް މަތިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފައިދާ ހަމައެކަނި ފަތުރުވެރިކަމަށް ހަނިވެފައި ނުވާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މިއީ ރިއަލް އެސްޓޭޓް ނުވަތަ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާއާއި، ރީޓެއިލް ވިޔަފާރިތަކާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ ދާއިރާއިން އައު ފުރުޞަތުތައް ހުޅުވި، ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ލިބޭނެ ބޮޑު މަންފާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ އަގު 790 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.2 ބިލިއަން ރުފިޔާ) އަށް އަރައެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މިއީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ، އަދި ދުނިޔޭގެ ފެންވަރުގައި ނަމޫނާ ދައްކުވައިދޭނެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢެކެވެ. އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ރާއްޖެ ހެދުމުގެ ތަސައްވުރުގެ ތެރެއިން ހިންގާ މި މަޝްރޫޢު އަންނަ އަހަރު ނިންމުމަށް އަމާޒު ހިފާފައިވާއިރު، 2028 ވަނަ އަހަރުގެ ނިޔަލަށް ޓައުންޝިޕްގެ އޮޕަރޭޝަންތައް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.