ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއްޖެ: ޖެނުއަރީއަށް ބަދަލުކޮށް 77،000 ދަރިވަރުން ސްކޫލަށް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއްޖެ: ޖެނުއަރީއަށް ބަދަލުކޮށް 77،000 ދަރިވަރުން ސްކޫލަށް

Author
ޙަސަން މުޙައްމަދު
27 ޖެނުއަރީ 2026 09:48
0

އެއް މަސްދުވަހަށްވުރެ ދިގު ޗުއްޓީއަކަށްފަހު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ. މިއަހަރުގެ ކިޔެވުން ފެށިގެން މިދިޔައީ ތަޢުލީމީ ދާއިރާއަށް ގެނެވުނު މުހިންމު ބަދަލަކާއެކުގައެވެ. އެއީ ކުރީ ސަރުކާރުން އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ފެށޭގޮތަށް އޮތް އޮތުން ބަދަލުކޮށް، އަލުން އަހަރުގެ ކުރީކޮޅު ނުވަތަ ޖެނުއަރީ މަހު ދިރާސީ އަހަރު ފެށޭގޮތަށް ހަމަޖެއްސުމަށްފަހުގައެވެ.

ރާއްޖޭގެ 218 ސްކޫލެއްގައި މިއަދު ކިޔެވުން ފެށިއިރު، ހަތްދިހަ ހަތްހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ސްކޫލަށް ހާޒިރުވެފައެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ސްކޫލްތަކުން ވަރަށް ކުލަގަދަ ތައްޔާރީތަކެއް ވެފައިވާއިރު، ތަޢުލީމީ ވުޒާރާއިން ވަނީ ދުރާލާ މުދައްރިސުންނާއި ވަސީލަތްތައް ހަމަކޮށް، ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދީފައެވެ. މިއަހަރު ގްރޭޑް 1 އަށް އަލަށް ވަން ދަރިވަރުންގެ ޢަދަދު 4790 އަށް އަރާއިރު، އޭގެ ތެރެއިން 1748 ދަރިވަރުންނަށް ޖާގަ ދީފައިވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުންނެވެ.

ދަރިވަރުން ސްކޫލް ބަދަލުކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 1530 ދަރިވަރުން އެދިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރެއެވެ. އަދި މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 836 ދަރިވަރުން ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން، މި ދިރާސީ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި އައު ސްކޫލުގައި ކިޔަވައިދޭން ފެށުމެވެ. ގްރޭޑް 1 އިން 10 އަށް ތަޢުލީމު ފޯރުކޮށްދޭ މި ސްކޫލުގައި 1900 އަށްވުރެ ގިނަ ދަރިވަރުން މިއަދު ތަޢުލީމު ޙާސިލުކުރަން ފަށާފައިވެއެވެ.

ކިޔެވުން މިއަދު ފެށި ނަމަވެސް، ކުރިއަށް އޮތް ރަމަޟާން މަހާ ގުޅިގެން ކަލަންޑަރަށް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ހަފްތާއަށްފަހު ސްކޫލްތައް ބަންދުވުމަށްފަހު، އަލުން ކިޔަވައިދޭން ފަށާނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިންމާލުމަށްފަހު ލިބޭ ޗުއްޓީ ހަމަޖެހިފައިވަނީ ޖުލައި 14 އިން އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.