އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ހޯއްދެވުމަށް ބާރުއެޅުމުގެ ގޮތުން ވިލާތުގެ ގައުމުތަކަށް ދެއްވި އިގްތިސާދީ އިންޒާރުތައް ކުއްލި ގޮތަކަށް އަނބުރާ ގެންދަވައިފިއެވެ. ސްވިޒަލޭންޑްގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާއާ ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް އިއުލާނު ކުރެއްވީ، މި މައްސަލައިގައި އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލެވިފައިވާ ކަމަށާއި، އެހެންކަމުން އަންނަ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ޔޫރަޕްގެ އަށް ގައުމަކުން ނަގަން ނިންމި ޓެރިފްތައް ތަންފީޒު ނުކުރައްވާނެ ކަމަށެވެ.
މި އާ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ނުފޫޒު ކުޑަކޮށް، އެމެރިކާގެ "ގޯލްޑަން ޑޯމް" މިސައިލް ދިފާއީ ނިޒާމެއް ގާއިމްކުރުމާއި އެ ސަރަހައްދުގެ މުއްސަނދި މައުދަންތައް ބޭނުންކުރުމުގެ ފުރުސަތު ހޯދުމެވެ. ނޭޓޯއިން ކަށަވަރުކޮށްދިން ގޮތުގައި މި މަޝްވަރާތަކުގައި ގްރީންލޭންޑްގެ މިލްކުވެރިކަން ޑެންމާކުގެ އަތުން ނެގުމާ ބެހޭގޮތުން ވާހަކަދެކެވިފައެއް ނުވެއެވެ. އަދި ޑެންމާކުންވެސް ވަނީ މިކަން ނިންމަންވާނީ އެ ގައުމުގެ އިސްތިގުލާލަށް އިހުތިރާމްކޮށްގެން ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި ވިލާތުގެ ގައުމުތަކަށް ފާޑުވިދާޅުވެ، ގްރީންލޭންޑަކީ ހަމައެކަނި "ގަނޑުފެންގަނޑެއް" ކަމަށް ސިފަކުރައްވައި، ވާހަކަދެއްކެވުމުގެ ތެރޭގައި ގްރީންލޭންޑްގެ ބަދަލުގައި "އައިސްލޭންޑް" އޭ ވިދާޅުވެ އޮޅުންތަކެއް އެރިކަން ފާހަގަކުރެވުނެވެ. ނަމަވެސް، ޓެރިފްގެ ބިރުވެރިކަން ނައްތާލުމާއެކު ދުނިޔޭގެ ހިއްސާގެ ބާޒާރަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓްރަމްޕް ވަނީ ނައިބު ރައީސް ޖޭޑީ ވެންސް ހިމެނޭހެން ޚާއްސަ ޓީމަކާ ހަވާލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ