"ކޫލް ސްކޫލް" މަޝްރޫޢު ބާރަށް ކުރިއަށް: އައު ދިރާސީ އަހަރަށް މާލެ ސަރަހައްދުގެ ސްކޫލްތައް ފިނިކުރަނީ

"ކޫލް ސްކޫލް" މަޝްރޫޢު ބާރަށް ކުރިއަށް: އައު ދިރާސީ އަހަރަށް މާލެ ސަރަހައްދުގެ ސްކޫލްތައް ފިނިކުރަނީ

Author
ޙަސަން މުޙައްމަދު
20 ޖެނުއަރީ 2026 04:20
0

ރާއްޖޭގެ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ތަޢުލީމީ މާޙައުލަކީ ދަރިވަރުންނަށް ފަސޭހަ އަދި ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ފަށާފައިވާ މި ބިޔަ މަޝްރޫޢުގެ މަސައްކަތް މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލްތަކުގައެވެ. ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި، މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް އައިއިރު ގްރޭޓަރ މާލޭ ސަރަހައްދުގެ 75 އިންސައްތަ ސްކޫލުގައި އިންޑޯ އޭސީ ޔުނިޓްތައް ވަނީ އިންސްޓޯލްކޮށް ނިމިފައެވެ. މިއީ މަޝްރޫޢު ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢުގެ ދަށުން ފެނަކައިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ، ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މީގެ ސަބަބުން އައު އަހަރަށް ސްކޫލަށްދާ ދަރިވަރުންނަށް ހޫނުގެ އުނދަގުލާ ނުލައި، ފިނި މާޙައުލެއްގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ފެނަކައިން ވަނީ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ވަރަކަށް، އެކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނާ ޙިއްސާކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.