ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން، ސްރީލަންކާއަށް ނިސްބަތްވާ ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ އާއި އުމުރުން 43 އަހަރުގެ ތިލަކް ސޮމަޗަންޑްރަ މައްޑެތަލަށެ ކަންނަމަލަގެ ނަމަކަށް ކިޔާ ދެ ފިރިހެނުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއާޕޯޓުގެ ޓެކްސީ ކިއު ލައިންގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ލިބިފައިވެއެވެ. އެ ވީޑިއޯ ދައުރުވާން ފެށުމާ ގުޅިގެން އޭރު ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މާރާމާރީ ހިންގި މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް، ފަހުން ފުލުހުން ވަނީ އެ ނިންމުން ބަދަލުކޮށް އެ ދެ މީހުން ހައްޔަރުކޮށްފައެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އެ މީހުންގެ ދިފާއީ ވަކީލުން ވަނީ އެ ދެ މީހުންނަކީ ޒިންމާދާރު ވަޒީފާތަކެއް އަދާކުރަމުންދާ ބައެއްކަން ފާހަގަކޮށްފައެވެ.
އަދި މިއީ ކުށެއް ކުރުމުގެ ނިޔަތެއް އޮވެގެން ހިންގި މާރާމާރީއެއް ނޫން ކަމަށާއި، ތުހުމަތު ކުރެވޭ ކުށަކީ ކުޑަ ކުށެއް ކަމުގައިވެސް ވަކީލުން ކޯޓުގައި ވަކާލާތުކޮށްފައިވާކަން ބަންދު އަމުރުން އެނގެއެވެ. އެހެންނަމަވެސް ކޯޓުން ނިންމީ މައްސަލައިގެ ބާވަތަށް ބަލައި ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ ދެ މީހުން 15 ދުވަހަށް ބަންދު ކުރުމަށެވެ.
ކޮމެންޓު ފޮނުވާ