ދައުލަތުގެ ޚަރަދު ކުޑަކޮށް، ބަޖެޓް ޑެފިސިޓް 73 އިންސައްތަ ދަށްކޮށްފި

ދައުލަތުގެ ޚަރަދު ކުޑަކޮށް، ބަޖެޓް ޑެފިސިޓް 73 އިންސައްތަ ދަށްކޮށްފި

Author
އަހުމަދު
19 ޖެނުއަރީ 2026 11:21
0

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ސަރުކާރުން އެޅި ހަރުދަނާ މާލީ ފިޔަވަޅުތަކާއެކު ޚަރަދުތައް ކުޑަކުރެވުމުގެ ސަބަބުން، ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ދަށްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު 13.1 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 3.5 ބިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. މިއީ އެއް އަހަރު ތެރޭގައި 9.6 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 39.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 11.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 24 އިންސައްތަ އިތުރުވެ 10.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދަކީ އަންދާޒާކުރި މިންވަރަށްވުރެ 2 ބިލިއަން ރުފިޔާ އިތުރު އަދަދެއް ކަމެވެ.

އާމްދަނީ އިތުރުވުމުގެ އިތުރުން، ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ޚަރަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެގޮތުން 2024 ވަނަ އަހަރު 48.2 ބިލިއަން ރުފިޔާ ޚަރަދުވިއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 43.1 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. މިއީ 10.6 އިންސައްތައިގެ ދަށްވުމެކެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއީ ޚަރަދު ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ތާރީޚީ އެއް ކާމިޔާބީއަކީ، އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މައިގަނޑު މިންގަނޑު ކަމަށްވާ "ޕްރައިމަރީ ބެލެންސް" ސާޕްލަސްއަކަށް ބަދަލުވުމެވެ. ދަރަނީގެ އިންޓްރެސްޓް ނުހިމަނައި އާމްދަނީއާއި ޚަރަދުގެ ފަރަގު ބަލައިގެން ހަދާ މި މިންގަނޑުން ބަލާއިރު، 2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި އޮތް ނަމަވެސް، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ހޯދިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މިގޮތަށް ޕްރައިމަރީ ސާޕްލަސްއެއްގައި ދައުލަތުގެ މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.