މާދަމާ ބޭއްވުމަށް ތާވަލުކުރެވިފައިވާ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަކީ ނަމޫނާ އަދި އަމާން އިންތިހާބަކަށް ހެދުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސަ (ގަޕޯ) އިލްތިމާސްކުރައްވައިފިއެވެ. މި އިންތިހާބުގެ އެންމެހާ ތައްޔާރީތައް މިހާރު ފުރިހަމަވެފައިވާކަން ހާމަކުރައްވަމުން، ޣަފޫރު ވަނީ އެއްވެސް ފަރާތަކުން އިންތިޚާބުގެ އުސޫލުތަކުން ބޭރުން ކަންކަން ނުކުރުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ، ކެންޑިޑޭޓުންނާއި، އޮފިޝަލުން އަދި ސަޕޯޓަރުންވެސް މަސައްކަތް ކުރައްވަންވާނީ ވޯޓުލުމުގެ ކަންކަން ސުލްހަވެރިކަމާއެކު ނިންމާލުމަށް ކަމަށެވެ. ވަކިން ޚާއްސަކޮށް ޑިމޮކްރަސީގެ ރިވެތި ހަމަތައް ހިފަހައްޓައި، އިންތިހާބުން ނާކާމިޔާބުވާ ކެންޑިޑޭޓުން، ކާމިޔާބުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރައި އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އުންމީދަކީ އިންތިހާބުގެ ހުރިހާ މަރުހަލާއެއްވެސް އަމާންކަމާއެކު ގޮސް ނިމުންކަމަށް ޗެއާޕާސަން ވިދާޅުވިއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 8:00 ގެ ނިޔަލަށެވެ. ގަޕޯ ވަނީ ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް މެންބަރުންނަށް ގޮވާލައްވާފައެވެ. ހަމައެއާއެކު، ވޯޓުލާ ނިމުމާއެކު އިދާރީ ކަންކަން ފުރިހަމަކޮށް ގުނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އިތުރު މައްސަލައެއް ދިމާނުވާނަމަ މާދަމާ ރޭ ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށް ބެލެވޭކަމަށްވެސް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން މައުލޫމާތު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ