ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު މަސްއޫދު އިމާދު، އެ ގައުމުގެ ސަރުކާރަށް ފާޑުވިދާޅުވެ ޑިޕްލޮމެޓިކް ހަމަތަކާ ޚިލާފަށް ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާ ވަގުތުން އަނބުރާ ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހާޒިރުކޮށް ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.
މި މައްސަލަ ފެންމަތިވީ ލަންކާގެ ނޫހަކަށް މަސްއޫދު ދެއްވި އިންޓަވިއުއެއްގައި، ލަންކާއަށްދާ ދިވެހިންނާމެދު އެ ގައުމުގެ އިމިގްރޭޝަނުން "ދޮންމަންމައަކު ކަންކުރާ އުސޫލުން" ކަންކުރާ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވުމުންނެވެ. އަދި ދިވެހިންނަށް އިހާނެތިކޮށް ހިތާނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތު ބަދަލުކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.
މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުވާލުގައި ވަނީ، ޑިޕްލޮމެސީގެ ރިވެތި އުސޫލު ދޫކޮށްލައި ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތުމަކީ ސަރުކާރުގެ ސިޔާސަތުތޯ ސާފުކުރައްވަން ބޭނުންވާ ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑަ މިފަދަ ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެތީ، މަސްއޫދު މަގާމުން ވަކިކޮށް އަނބުރާ ގެނައުމަށް ވެސް މީކާއިލް ވަނީ ގޮވާލައްވާފައެވެ.
ހައިކޮމިޝަނަރުގެ މި އަމަލުތަކާ ގުޅިގެން ޚާރިޖީ ދާއިރާގެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފޮރިން މިނިސްޓްރީން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ފާޑުކިޔުންތައް އަމާޒުވެފައި ވަަނިކޮށް މަސްއޫދު ވަނީ ލަންކާގެ އިދިކޮޅު ލީޑަރު ނަމާލް ރާޖަޕަކްސާއާ ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ