ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން ކަނޑުއޮތްގިރީގައި ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށައިފިއެވެ. މި އޮޕަރޭޝަން ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
ކަނޑުއޮތްގިރީގައި މަސް ގަންނަން ފެށުމާ ގުޅިގެން، އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާފައެވެ. މިފްކޯއިން ހާމަކުރި ގޮތުގައި ކަނޑުއޮތްގިރިންނާއި އެ ސަރަހައްދުން ގަންނަ 15 ކިލޯއިން މަތީގެ ކޮންމެ ކަންނެއްޔަކަށް 25 ރުފިޔާގެ ރޭޓުން ފައިސާ ދޫކުރާނެއެވެ. އަދި ކަންނެލީގެ އިތުރުން އެހެނިހެން މަސްވެސް ކަނޑުއޮތްގިރިއަށް ގަންނަމުންދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި ކަނޑުއޮތްގިރިން ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވަރަށް އަވަހަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ