ވިޔަފާރިތަކުގެ ކުރިއެރުމަށް ގަވާއިދުން މަޝްވަރާކުރުން މުހިންމު: ސަޢީދު

ވިޔަފާރިތަކުގެ ކުރިއެރުމަށް ގަވާއިދުން މަޝްވަރާކުރުން މުހިންމު: ސަޢީދު

Author
ހުސެއިން
10 ޖެނުއަރީ 2026 08:03
0

ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ވިޔަފާރިތަކުގެ އަޑުއަހައި، އެފަރާތްތަކާއެކު ސިލްސިލާ މަޝްވަރާތައް ކުރުން މުހިންމުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ ޚިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަދެކެވިގެން ކަމަށެވެ. އެހެންކަމުން، ކުދި ވިޔަފާރިތަކަށް ލުއިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، 2026 އަދި 2027 ވަނަ އަހަރު ކުދި ވިޔަފާރިތަކާއެކު ގަވައިދުން ބައްދަލުވުންތައް ބާއްވަވާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި ޙަފްލާގައި އޮތެންޓިކް މޯލްޑިވްސްއިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތައް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމް "އަލީބާބާ" ގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. އަދި ސަޕްލަޔަރުންނަށް ދިމާވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް، އެފަރާތްތަކަށް ދޫކުރާ ފައިސާގެ ވަކި މިންވަރެއް ޑޮލަރުން ދޫކުރަން ފެށުމަކީވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ބީސީސީއިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޮތެންޓިކް މޯލްޑިވްސްގައި މިހާރު 407 ވިޔަފާރިއެއް ރަޖިސްޓަރީ ވެފައިވާއިރު، 2025 ވަނަ އަހަރު ސަޕްލަޔަރުންނަށް 31.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިއަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުކަމަށްވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރި ފުޅާކުރުމަށް ވަނީ އަމާޒުހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.