ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާއަށް ގެންދިޔަ މައްސަލައިގައި ފާޑުކިޔުން އަމާޒުވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމުގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް ތަބާވާން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނު "މާނަކުރުމުގައި" އުފެދިގެން އުޅޭ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އާންމުންނަށް ގެއްލުން ނުވާނަމަ ބައިނަލްއަގުވާމީ ގާނޫނުތައް ހިނގަން ނުޖެހޭނެ ކަމަށެވެ.
މަދޫރޯގެ ދެކަނބަލުންގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، ވެނެޒުއެލާގެ ތެލުގެ ވިޔަފާރިއާއި އެގައުމުގެ ހިންގުން ދެން އޮންނާނީ ސީދާ އެމެރިކާގެ ބެލުމުގެ ދަށުގައި ކަމަށް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ.
މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުމަކީ ދުނިޔޭގައި ހަމަނުޖެހުން ބޮޑުވެ، ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ