ސްރީލަންކާގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި، އެގައުމުގެ އިމިގްރޭޝަން އޮފިޝަލުންގެ ފަރާތުން ތަފާތުކުރުންތައް ގެންގުޅެ، ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި ދިވެހި ރައްޔިތުން ވިސާ ހޯދުމަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކިއުތަކުގައި ތިބެންޖެހޭއިރު، ހަމުގެ ކުލަ އަލި ބިދޭސީންނަށް އިމިގްރޭޝަނުން ޚާއްސަ އިސްކަމެއް ދެއެވެ.
މީގެއިތުރުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ލަސްވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ވިސާ ލިބޭކަން ފާހަގަކުރައްވައި، މިއީ މާލީ މަންފާއަކާ ގުޅިފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް މިކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުނުވެ، ދިވެހިންނަށް ޖެއްސުންކުރުން ކުރިއަށްދާނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ޕްރޮފެޝަނަލުންނަށް ވިސާ ދޫކުރުމުގެ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރުވެސް ސަފީރު މަސްއޫދު ވަނީ ދެއްވާފައެވެ. ލަންކާއަކީ ތައުލީމާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން ދިގު މުއްދަތަށް ދިރިއުޅޭ ގައުމަކަށް ވުމުން، ރެސިޑެންޓް ވިސާގެ ކަންކަން ފަސޭހަވުމަކީ ދިވެހި އާއިލާތަކަށް ނުހަނު މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ