ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ އެމްޓީސީސީއަށް 2.36 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބި ހުރިކަން ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ހާމަވެއްޖެއެވެ.
މި ރިޕޯޓުން ދައްކާ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކުން ލިބެންޖެހޭ ފައިސާގެ އަދަދަކީ 1.15 ބިލިއަން ރުފިޔާއެވެ. އަދި މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާގެ އަދަދަކީ 1.18 ބިލިއަން ރުފިޔާއެވެ. އިތުރު 30 މިލިއަން ރުފިޔާ އެހެނިހެން ގޮތްގޮތުން ލިބެންޖެހެއެވެ. ދެވަނަ ކުއާޓަރާ އަޅާބަލާއިރު ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ދެ ޕަސެންޓު އިތުރުވެފައިވާކަން ރިޕޯޓުން ދައްކައެވެ.
މި ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ 662.64 މިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 7.5 ޕަސެންޓުގެ ދަށްވުމެކެވެ. ޓެކްސްއަށް ކަނޑައެޅުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 6.5 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 74.6 ޕަސެންޓުގެ ބޮޑު ދަށްވުމެކެވެ.
މި ތިން މަސްދުވަސް ތެރޭގައި އެމްޓީސީސީއިން ހަ އާ މަޝްރޫޢެއް ފަށައި ފަސް މަޝްރޫޢެއް ނިންމާފައިވާއިރު، ކުއާޓަރު ނިމުނުއިރު ޖުމްލަ 116 މަޝްރޫޢެއް ކުރިއަށް ދެއެވެ. ލިބެންޖެހޭ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާކަން ރިޕޯޓުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ