ސަރުކާރުން ބޭނުންވަނީ ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ބާއްވަން!

ސަރުކާރުން ބޭނުންވަނީ ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ބާއްވަން!

Author
އަލީ ރައޫފް
05 ޖެނުއަރީ 2026 09:43
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމުގެ ގާނޫނުއަސާސީ އިސްލާހަށް ބާއްވަން ޖެހޭ ރިފަރެންޑަމް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ބާއްވަން ބޭނުންވާކަން ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ކުއްލިގޮތަކަށް މިއަދު ބޭއްވި ޖަލްސާގައި މި އިސްލާހު އެޖެންޑާކުރުމުން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުން ވަނީ ވަކިން ރިފަރެންޑަމް ބާއްވައިފިނަމަ ބޮޑު ހަރަދެއް ހިނގާނެކަން ފާހަގަކޮށްފައެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވމުން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު ރިފަރެންޑަމް ބާއްވައިފިނަމަ ވަރަށް ބޮޑު ތަނުން ޚަރަދު ކުޑަކުރެވޭނެކަމަށެވެ.

އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ރިފަރެންޑަމް ބާއްވަން ނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތަށް ފައްތަން މުހިންމުކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފާހަގަކޮށްފައި ވެއެވެ. އެކަމަށްޓަކައި އެއަށް ބޭނުންވާ ކަންކަން މިހާރުއްސުރެ ފަށަން ޖެހޭކަމަށާއި، އެންމެ މުހިންމު ކަމަކީ ހަރަދު ކުޑަކުރުންކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ އިސްލާހާމެދު އަންނަ ފެބްރުއަރީގައި މަޖިލިސް ހުޅުވުމުން ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. އެ ބަދަލުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސް ޑރ. މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ. މި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިނަމަވެސް، ކުރީގެ ރައީސް ޔާމީނާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް މި ނިންމުމާ ދެކޮޅުކަން ހާމަކުރައްވައިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.