ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ޤާނޫނުލްއުޤޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ހުށަހެޅުއްވި މި އިސްލާހު މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އިސްލާހުގައި ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަން ވަނީ ތަފްސީލްކޮށް ބަޔާންކޮށްފައެވެ.
އޮންލައިންކޮށް ހިންގާ ޖުވާ ވިޔަފާރި ވެސް ވަނީ މި ބިލުގައި ހިމަނައިފައެވެ. އިސްލާހުގައިވާ ގޮތުން މުނިފޫހިފިލުވުމުގެ ނުވަތަ ކުޅިވަރުގެ ބޭނުމަށް މުބާރާތްތަކުގައި ބައިވެރިވެ އިނާމު ހޯދުމާއި، އަގެއް ދިނުމަކާ ނުލައި ގުރުއަތު ލައިގެން އިނާމު ދިނުން ޖުވާގެ ތެރޭގައި ނުހިމެނެއެވެ.
ޖުވާ ކުޅުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިން ގޭމްތަކުން ޖުވާ ކުޅުން އިތުރުވެ މާލީ ގެއްލުންތައް ލިބެމުން ދިޔައިރު މިހާތަނަށް ޤާނޫނުލްއުޤޫބާތުގައި ޖުވާ ކުޅުމަށް އަދަބެއް ކަނޑައަޅައިފައި ނުވާތީ ފަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ